ފާއިތުވި ހަފްތާގައި ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން އާންމުކުރި އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 28 އިން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެ އެވެ.
މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފަ އެވެ.
ފުލުހުން ބުނި ގޮތުގައި ސްކޭމް މައްސަލަތަކުގެ ތެރެއިން މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އިކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މިފަދަ 19 މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލަ އާއި އިމްޕަސޮނޭޝަންގެ ހަތް މައްސަލަ އާއި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ ތިން މައްސަލައަކާއި އެހެނިހެން ހަތް މައްސަލަ ހުށަހެޅުނެވެ.
އެންޓި ސްކޭމްގެ ސެންޓަރުގެ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.