Thanks to visit codestin.com
Credit goes to avas.mv

މޯލްޑިވްސް ކަސްޓަމްސް ސާވިސް

"ސިނގިރެޓްތައް ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނަން"

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރެޓް އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިރޭ މިހެން ބުނީ މިމައްސަލައިގެ ތަހުގީގަށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ހާމަކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ކަސްޓަމްސްގެ ބަޔާނުގައިވާ ގޮތުން އެމްޕީއެލްގެ ހުޅުމާލެ ބަހައްޓާފައި ހުއްޓާ ގެއްލުނީ 1،360 މާސްޓާ ކާޓަން ސިނގިރެޓެވެ.

ސިނގިރެޓްތައް ގެއްލުނު މައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއިން ކަސްޓަމަށް އަންގާފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މިމައްސަލައިގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ހާމަވެއްޖެނަމަ ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެ އޮފިސަރަކާ ދެކޮޅަށް އަޅާނެ ކަމުގެ ޔަގީންކަންވެސް ކަސްޓަމްސް އިން ދީފައިވެ އެވެ.

"މިފަދަ ހާދިސާތައް ތަކުރާރުތައް ވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިސާވިސް އިން މިދަނީ ކުރަމުންނެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.