އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ވަކިކޮށްލުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، "އައްޑޫއަށް މޮޅީ ކޮންގޮތެއް؟" މިނަމުގައި ހާއްސަ ބަހުސްއެއް ގެނެސްދިނުމަށް ރާއްޖެޓީވީން ތައްޔާރުވެއްޖެ އެވެ.
22 އޮކްޓޯބަރ ވާ ބުދަ ދުވަހުގެ ރޭ 10:15 ގައި ގެނެސްދޭ މިހާއްސަ ބަހުސްއަކީ ރާއްޖެޓީވީ އިން އިންތިޒާމްކޮށްގެނެސްދޭ ބަހުސް އެކެވެ. އާމިރު ސަލީމް ހޯސްޓް ކުރާ މިބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު، އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ އިމާދު ސޯލިހް، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) އަދި މީދޫ ދާއިރާގެ މެމްބަރު، އަބްދުއްރަހްމާނު އެވެ.
އައްޑޫ ސިޓީ ބައިބައިކޮށް ބައެއް ރަށްރަށުގައި ވަކި ވަކި ކައުންސިލް އުފެއްދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އައްޑޫ އަށް މޮޅީ ކޮން ގޮތެއް؟ pic.twitter.com/IhhANGi4wc
— RaajjeTV (@Raajje_tv) October 21, 2025
އެގޮތުން ރައީސް މުއިއްޒުގެ މަގްސަދަކީ ނިޒާމުގެ ތެރެއިން، ދިމާވާ ދަތިތައް ހައްލުކޮށްދެއްވުން ކަމަށް ވާނަމަ އެންމެ ފުރަތަމަ ބައްދަލު ކުރާނީ އައްޑޫ ސިޓީ ކައުންސިލް އާއި ކަމަށާއި ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ ކަމަށް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލަރ ހުސެއިން ފައިޒުއްރަޙްމާނު ވަނީ ވިދާޅުވެފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންނަށް މިކަމުގައި އެކަށީގެންވާ މައުލޫމާތު ނުލިބި، ވާން މިއުޅެނީ ކޮން ކަމެއްކަން ނޭނގި، އަވަސް އަރުވާލައިގެން މިދަފަ ވޯޓެއް ނަގަން ކުރަމުންދާ މަސައްކަތް ކަމަށާއި، އެކަށީގެންވާ ވަގުތު ދިނުމަކާއި ނުލައި މިފަދަ ވޯޓެއް ނަގަން މަސައްކަތް ކުރަމުން ދާއިރު، މިވޯޓްގައި ގިނަ ބަޔަކު ބައިވެރިނުވެ، މައިނޯރިޓީގެ ވޯޓް އަކުން ކަންކަން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ވަކިކޮށްލުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަނީ ނުބައި ޖަރީމާ އެއްގެ ތެރެއިން ކަމަށާއި، އެކަމުގެ ހަގީގީ ބޭނުމަކީ "އައްޑޫ" އަށް މިހާރު ލިބިފައިވާ ސިޓީ އެއްގެ ދަރަޖަ ގެއްލުވާލުން ކަމަށްވެސް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމާއި މެދު ސުވާލު އުފައްދާ ސަރުކާރުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންނެވެ. އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ބަދަލުގައި ވަކިވަކި ބައެއް ރަށްރަށުގައި ކައުންސިލްތައް ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމުމަށް އެ ވޯޓު ނަގަން ނިންމީ އެގޮތަށް ބައެއް އާއްމުން އެދެމުންދާތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އައްޑޫ ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމާއި ދެކޮޅަށް އައްޑޫގެ ކައުންސިލަރުން ވެސް ދަނީ ވަކާލާތު ކުރަމުންނެވެ.